ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފްތިތާހު ކޮށްފި އެވެ.
ލޯގޯ އިފްތިތާޙުކޮށްދެއްވީ އެކުންފުނީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ”ކޮލިޓީ އެޝުއަރަންސް އެވޯޑު“ ހާޞިލުކުރެއްވި ފަރާތަށާއި، ”އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު“ ހާޞިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފަ އެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ ”އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑު“ ހާޞިލުކުރެއްވި ފަރާތަށްް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފަ އެވެ.
މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގަ ބޭއްވި ޙަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރި މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައި ވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ޙިއްޞާކޮށްފައި ވެއެވެ.
”ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު އެވެ. 100 އިންސައްތަ ސަރުކާރު ޙިއްޞާވާ މި ކުންފުނީގެ މައިގަނޑު މަޤުޞަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.



