ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސަކަށް ޑރ. އައިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
ޑރ. ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
ޑރ. އައިޝަތު ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުން އެ ކަމަނާ އިސްތިއުފާދެއްވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.


