ހުޅުމާލޭގައި ހިންގަމުންދިޔަ 4 ސްޕާއެއް ބަލައި ފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ ހަތަރު ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އަދި ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސްބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47އަކަށް ވުރެ ގިނަ ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.




