ޓްރެއިނިންގ އޮން ބަޔޯ ސެކިއުރިޓީ ފޮރ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ލިވިންގ މެރިން އޯގަނިޒަމްސް، މެރިން އެނިމަލްސް އެންޑް ދެއަރ ޕްރޮޑަކްޓްސް އިން ދަ މޯލްޑިވްސް ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީން ޕްރޮގްރަމް ކުރިއަށް ދާނީ މި މަހުގެ 7 އިން 8 އަށް މީރުމާގައެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ބޯޑަރު ކޮންޓްރޯލް ކުރުމާއި، ރެގިއުލޭޝަން، ސަރވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ މެދުގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
“ މަހާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށް އެ ބަލިތައް ދެނެގަތުމާއި، ރިޕޯޓް ކުރުމާއި، ރެސްޕޮންސް މެކޭނިޒަމްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.



