ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މީޑިއާ ވިލެޖް ތަރައްގީކުރަން ބިމެއް ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގަ އެވެ.
އެ ބަސްދީގަތުމުގައި ނައިބު ރައީސް ވިދާޅުވީ، މީޑިއާ ވިލެޖް ހަދަން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި، މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި އެއްކަމަކީ ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދަޢުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުން ކަމުގައި ވިދާޅުވި އެވެ. ދަޢުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިޙުސާސްވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.




