މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ވޯޓު ފޮށިތަކުގެ ތަފްސީލް ރޭގައި އާންމުކޮށްފައިވާއިރު މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެ ކަމަަށް ބުނެފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައިވާކަން ހާމަަކޮށްފައިވެއެވެ.
އިންތިހާބުތަކުގައި މީހުން ދިރިއުޅޭ އިދާރީ ރަށްތަކުގެ އިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނާއި، ޖަލާއި، ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން، މިފަހަރުގެ އިންތިހާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އީސީން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ އެއް ފޮއްޓާއި، ޝްރީލަންކާގެ ކޮލަމްބޯގައި ވެސް ބަހައްޓާ އެއް ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މިއަހަރު ބާއްވާ އިންތިހާބުގައި 144،527 އަންހެނުންނާއި، 150،410 ފިރިހެނުން ހިމެނޭހެން 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.




