ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކުގެ ޤަވާއިދާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ) އިން އެކުލަވާލާފައިވާ ޤަވާއިދު 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.
އެ ޤަވާއިދުގެ ދަށުން، މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި އަލަށް މަސައްކަތް ފަށާ ފަރާތްތަކުން ވެސް ޤަވާއިދުގެ އިމުގެ ތެރެއިން އިންތިޒާމުތައް ހަމަޖެއްސުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިސްލާހުކޮށް ނިންމުމަށްވެސް ވަނީ މުހުލަތު ދީފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ދީފައިވާ މުއްދަތު ހަމަވުމަށްފަހު ހުޅުމާލޭގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ޤަވާއިދުގައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. މީގެއިތުރުން، މިފަދަ ކަންކަމުގައި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލެ ސަރަހައްދުގައި ހިނގަމުންދާ އިމާރާތްކުރުމުގެ ގިނަ މަސައްކަތްތައް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާއިރު، މި މަސައްކަތްތަކުގެ ހުއްދަ ދޫކުރަނީ އެޗްޑީސީންނެވެ.
އިމާރާތްކުރުމުގެ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދަށް އަމަލުނުކުރާ ފަރާތްތައް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކަމާބެހޭ ވުޒާރާއަށް ލިބިދީފައިވެއެވެ.



