މިއަދުވެސް ރާޢްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެގޮތުން ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފު ވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެ ސަރަހައްދުގެ ވައި ނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާ އެކުގައެވެ. މި މޫސުމުގައި އިއްޔެއަކީ، ރާއްޖެއަށް އެންމެ ބޮޑަށް ވައި ނުސާފުވި ދުވަސްކަން ވެސް ފާހަގަވެފައިވެއެވެ.
ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. އިއްޔެ މި އަދަދު 190 އިން މައްޗަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ. ވައި ނުސާފުވުމުގެ ސަބަބުން އިއްޔެ ދުރު ފެންނަ މިންވަރު ހުރީ، 1.5 ކިލޯމީޓަރުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވައިނުސާފު ކަމުގެ މިންވަރު މިއަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ 4 ސަރަހައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ.
އެގޮތުން ވިލިމާލެ، ދ. ކުޑަހުވަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީއިން ނަގާފައިވާ މައުލޫމާތަށް ބަލާއިރު ވައިގެ ނުސާފުކަން ހުރީ، ނުރައްކާވާ މިންގަނޑެއްގައެވެ. އެއީ، 157 އާއި 167 އާ ދެމެދުގައެވެ.
ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ވައިގެ ނުސާފުކަން ހުރީ، ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާ މިންވަރުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އިއްޔެ އަށްވުރެ މިއަދު ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އިއްޔެ ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރުގައި ހުރި ނަމަވެސް މިއަދު ދުރު ފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް އިތުރެވެފައެވެ. ނަމަވެސް މި އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.




