އިންދިރާ ގާންދީ މެމޯރިއަލް ހޮަސްޕިޓަލް (އައިޖީއެމްއެޗް) އިން ހޯމް ނަރސިން ކެއާގެ ޚިދުމަތާއެކު ކޮންމެ ތިން މަހުން އެއް ފަހަރު، ބަލި މީހާގެ ގާތަށް ދާނެ ކަމަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ހޯމް ނަރސިން ކެއާއަކީ، ނަރުހުން ނުވަތަ އެހެނިހެން ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ބަލި މީހުންނަށް ފަރުވާއާއި އެހީ ފޯރުކޮށްދޭ ޚިދުމަތެކެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވައި ޑރ. ޒޭބާ ވިދާޅުވީ އާބަން ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތް މިހާރު ފަށާފައިވާއިރު އޭގެ ދަށުން ހޯމް ކެއާގެ ޚިދުމަތް ވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ދިގު މުއްދަތަކަށް ބޭސްފަރުވާކޮށް، އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރާތްކޮށް ޗެކަޕް ހެދުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ޑރ. ޒޭބާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާއިރު މިހާރު އެކަމުގެ ތަމްރީނުތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކު އެ ޕްރޮގްރާމް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މި ޕްރޮގްރާމްގައި ޒިޔާރަތް ކުރާނީ އައިޖީއެމްއެޗުގައި ރަޖިސްޓްރީވާ ބަލިމީހުންގެ ގާތަަށް އެކަނި ކަމަށް ވެސް ޑރ. ޒޭބާ ވިދާޅުވިއެވެ.
މި ޚިދުމަތުގައި ކޮންމެ ތިން މަހަކުން ތިން މަހަކުން ބަލި މީހާ ގާތަށް އެތަނުގެ ޓީމުން ޒިޔާރަތް ކުރާނެ ކަމަށާއި ޗެކަޕް ހެދުމާއި، ގޭގައި ބަލި މީހާއަށް އިތުރަށް ފަރުވާ ދިނުމަށް އާއިލާގެ ފަރާތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ މައުލޫމާތު ދެވޭނެ ކަމަށް ޑރ. ޒޭބާ ވިދާޅުވިއެވެ.


