އޮޅިގެން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު 28،002 ރުފިޔާ ހޯދައި ފުލުހުން އެ ފައިސާ އަނބުރާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފިއެވެ.
އައްޑޫ ސިޓީ ފުލުހުން މިއަދު ބުނީ 2025 ޑިސެމްބަރު 25 ވަނަ ދުވަހު މީހެއްގެ ބީ.އެމް.އެލް އެކައުންޓުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރެވުނު މައްސަލަ ވަނީ އައްޑޫ ސިޓީ، ގަން ޕޮލިސްއަށް ހުށަހަޅާފައި ކަމަށެވެ.
އަދި އެ މައްސަލައާއި ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަންއިން ބެންކާއިގުޅިގެން ކުރި މަސައްކަތުން ފައިސާ ޓްރާންސްފަރވި މީހާ ދެނެގަނެ، އެމީހާގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވިފައިވާ ޖުމްލަ -/28002 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން 2026 ޖެނުއަރީ 06 ވަނަ ދުވަހު އެ ފައިސާ ވަނީ އޭގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.



