ކައުންސިލްތައް އިންތިޚާބުކުރަނީ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއް ކަމަށެވެ.
”އަޅުގަނޑު ރައްޔިތުންނަށް ވީ ހުރިހާ ވަޢުދެއް ފުއްދުމަށް އެކަމުގައި ލޯކަލް ލެވެލްގައި ރަށު ފެންވަރުގައި ސިޓީ ފެންވަރުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮއްވައިވައިދެއްވާށޭ. ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
ކައުންސިލްތައް އިންތިޚާބުކުރަނީ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށާއި ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2026 ވަނަ އަހަރަކީ އުމްރާނީ ތަރައްޤީގެ ރޮނގުން ވަރަށް މުހިއްމު އަހަރެއް ކަމަށާއި، ބޯހިޔާވަހިކަމާއި ސިއްހަތާއި ތައުލީމާއި އިޤްތިޞާދީ ރޮނގުންވެސް މުހިއްމު މަސައްްކަތްތަކެއް ކުރިއަށްގެންދާނެ އަހަރެއް ކަމަށެވެ. މިގޮތުން ތަރައްޤީގެ މަސައްކަތުގައި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އެއްބާރުލުން ލިބެންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


