ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އެމްއެންޑީއެފްއިން ބުނީ، މި ކެޑޭޓް ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވި ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުން ކަމަށެވެ.
މީގެއިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ބަނގްލަދޭޝް އަދި ނޭޕާލް ހިމެނޭހެން، 16 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ ހަތަރު އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްދެއްވާފައެވެ. އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް އެވެ.
މި ކޭމްޕުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯރގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ، މި ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުން ކަމަށެވެ. މި ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުންވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.
މި ކޭމްޕްގައި ބައިވެރިވި ކުދިންނަށް، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ތަޢާރަފު ކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމާއި، އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ތަޢާރަފުކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ.އަޙްމަދު މުޙައްމަދުގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މޯލްޑިވެސް ކެޑޭޓް ކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.




