މިދިޔަ ޑިސެމްބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނޮއި އޮތޯރިޓީ (މީރާ) މެދުވެރިކޮށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެއެވެ.
މީރާ އިން މިއަދު އާންމުކޮށްފައިވާ މިދިޔަ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށްވުރެ %17.4 އިތުރު އަދަދެކެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ %30.7 އިތުރު އަދަދެއްކަން ތަފާސްހިސާބުތަކުން ދައްކައެވެ. ޑިސެމްބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 157.83 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.
މީރާ އިން ބުނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމުން ނަގާ ޓެކުހާއި ޓޫރިޒަމް ލޭންޑު ރެންޓު އަދި ލޭންޑު އިކުއިޒިޝަން ކޮސްޓާއި ސީއެސްއާރު ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން ނުުދައްކާ ހުރި ބައެއް ޓެކްސްތައް އެ މުއްދަތުގައި ދައްކާފައިވާތީ ޑިސެމްބަރު މަހުގެ އާމްދަނީ އިތުރުވީ ކަމަށް މީރާ އިން ބުންޏެވެ.
މީރާއަށް އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިއީ ޑިސެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ %53.2 އެވެ.



