ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މާރާމާރީއެއް ހިންގި ބިދޭސީންތަކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނެފައިވަނީ، އެއާޕޯޓުގެ ޓެކްސީ ކިޔު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް، ހަމަނުޖެހުން ހިންގި ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
”ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް، މައުލޫމާތު ސާފުކޮށް ވަނީ ނަސޭހަތް ދީފަ“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ މަސްތުގެ ހާލަތުގައި ތިބި ޝްރީ ލަންކާގެ ބައެއްގެ މެދުގައެވެ. ނަމަވެސް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމެއް ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.
މި މާރާމާރީގެ ވީޑިއޯއެއް ”އެމްވީކްރައިސިސް“ ގައި ވަނީ ޕޯސްޓު ކޮށްފައެވެ. އޭގެ ފެންނަނީ ދެ ބަޔަކު ޒުވާބުކުރާ މަންޒަރާއި އޭގެން އެކަކު އެތަނުން އެހެން މީހެއް ގައިގައި ފައިން ޖަހާ މަންޒަރެވެ.



