ވައި ނުސާފުވުމުގެ ސަބަބުން، ވައިގެމަގުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލުން މިއަދު ބުނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާބޯޓު ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުންޏަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި އެގޮތުގެ މަތިން މިފަދަ ކޮންމެ ހާލަތެއް މެދުވެރިވާހިނދު މި އުސޫލަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މިފަދައިން އެޅޭ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ.
އެގޮތުން ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރެވެމުން އައިސްފައިވާ އުސޫލެއްކަން އެމްއޭސީއެލް އިން ފާހަގަކޮށްފައިވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު އަންނަނީ ބޭނުންކުރެވެމުންނެވެ.
އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.



