މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްެޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން މަޢުލޫމާތު ދޭ ގޮތުގައި މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 48 މީޓަރު މިހާތަނަށް ވަނީ ނިންމާލެވިފައެވެ.
މީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ހިނގާ މީހުންނަށް ޚާއްޞަ ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި، މަގު މިހާރަށްވުރެ ބޮޑަށް ފުޅާކުރެވިގެންދާނެއެވެ.
ޖުމްލަ ގޮތެއްގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭނެއެވެ.
އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އާންމުންނަށް ބޭނުންކުރުމަށް މަގު ހުޅުވާލުމެވެ.




