ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ތާރީޚީ ބިނާއެއް ކަމަށްވާ ’ތަރިޖެހިގެ’ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ތަން ހިމާޔަތްކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކުޅުދުއްފުށީގެ ހަނި ޖާގަތަކުގައި ހުރި ގޯތިތައް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، އެކި ގޯތިތަކުގެ މެދަށްވާ ގޮތަށް ހުރި މި ގެ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު އިސްރަށްވެހިންގެ ޕާކުގެ އިރުމަތިން އޮތް ހުސް ބިމަށެވެ.
ކައުންސިލުން ނިންމާފައިވަނީ ތަރިޖެހިގޭގެ ކޮންމެ ވާރުތަވެރިއަކަށް ބަދަލުގައި ގޯއްޗެއް ދިނުމަށްފަހު، މިހާރު ހުރި މުސްކުޅި ގެ އާސާރީ ބިނާއެއްގެ ގޮތުގައި ރައްކާތެރިކުރުމަށެވެ.
ތަރިޖެހިގެއަކީ މިހާރު އުމުރުން 90 އަހަރާ ގާތްކޮށްފައިވާ އަލީ މުހައްމަދު (އަލިބެ) ދިރިއުޅެމުންދާ ގެއެވެ. ގާތްގަނޑަކަށް ގަރުނެއް ކުރިން އަލިބެގެ މައިންބަފައިން ބިނާކުރި މި ގެ އަދިވެސް ހުރީ އެންމެ އިހުގެ ދިވެހި ފަރުމާއަށެވެ. މި ގޭގައި އިހުގެ ދިރިއުޅުން ދައްކުވައިދޭ ގިނަ ތަކެތި އެބަހުއްޓެވެ. އޭގެ ތެރޭގައި ދިމާ އެނދާއި، ތާރައާއި، މަލާފަތް ފަދަ އާސާރީ ތަކެތި ހިމެނެއެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، މި ގެ ހިމާޔަތްކުރަން ނިންމީ ރަށުގެ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.




