ފަލަސްތީނުގެ ޣައްޒާ ހިޞާރުން ނައްތާލުމުގެ މަސައްކަތް ދޫކޮށްނުލާ ކާމިޔާބު ވަންދެން ކުރިއަށްދާނެ ކަމަށާއި ދެން ދަތުރު ފަށާނީ ކުރިޔަށްވުރެ ބޮޑަށް ތައްޔާރުވެގެން ކަމަށް ޣައްޒާ ހިޞާރުން ނައްތާލުމަށް އިސްވެ މަސައްކަތް ކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ ކޯލިޝަނުން ބުނެފިއެވެ.
ސުމޫދު ފްލޮޓިއްލާއިން މިހެން ބުނެފައިވަނީ، އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ރޭގައި ދިން ޚާއްސަ ބަސްދީގަތުމެއްގައެވެ.
މި ކޯލިޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ސްޓިއަރިން ކޮމެޓީގައި ހިމެނޭ 4 މެންބަރުންގެ އިސްވަފުދެއް މިމަހުގެ 6 އިން 8 އަށް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ވަފުދުގައި ހިމެނެނީ، ސުމޫދު ފްލޯޓިއްލާގެ ސްޓިއަރިން ކޮމެޓީގެ މެންބަރުން ކަމުގައިވާ ބްރެޒިލްގެ ތިއާގޯ އަވިލާ، ފަލަސްތީނުގެ ސައީދު އަބޫކޭޝެކް، މެލޭޝިޔާގެ މުހައްމަދު ނާދިރު އަލް-ނޫރީ އަދި ގްރީސްގެ ކްލިއޮނިކީ އެލެކްސޯޕޯލޯ އެވެ.
އެ ކޯލިޝަންގެ ބައިވެރިން ކުރާ މަސައްކަތްތަކާއި އެންމެ ފަހުން އެމީހުން ކުރި ދަތުރުގެ ތަޖުރިބާ ހިއްސާ ކުރަމުން އެ ވަފުދުގެ ބައިވެރިން ބުނީ، ޣައްޒާއަށް އެހީވުމަށް އެންމެފަހުން ކުރި އެ ދަތުރުގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 44 ޤައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. ޔަހޫދީން ވަނީ ސުމޫދު ފްލޯޓިއްލާގެ ބޯޓުތަކަށް ހަމަލާދީ، ކަނޑުމަތިން އަނިޔާވެރިކޮށް އެފަރާތްތައް ހައްޔަރުކޮށްފައެވެ. މި މީހުން ދޫކޮށްލީ، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވި ފިއްތުންތަކާއި ގުޅިގެންނެވެ.
ދަތުރުގެ ބައިވެރިއެއް ކަމަށްވާ ތިއޯގޯ ކިޔައިދިން ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ބޭތިއްބި ތަންތަނަކީ، ފަލަސްތީނު ރައްޔިތުންނަށް އެތަކެއް އަނިޔާތަކެއް ދީފައިވާ ތަންތަނެވެ. ތިއޯގޯ ބުނޯ، އެތަނުގެ ފާރުތަކުގައި ފަލަސްތީނު ރައްޔިތުންނަށް ދޭ ލާއިންސާނީ އަނިޔާތަކުގެ ވާހަކަތައް ލިޔެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖަލުތަކުގައި ފަލަސްތީނު ރައްޔިތުންނަށް ދީފައިވާ ޖިންސީ، ޖިސްމާނީ އެކި އަނިޔާތަކުގެ ވާހަކަތައް ލިޔެފައި ހުރިކަން ވެސް އޭނާ ފާހަގަކުރިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އެމީހުން ހައްޔަރުކޮށް، އެމީހުންނާއި މެދު އަމަލު ކޮށްފައިވަނީ އަނިޔާވެރި ކޮށްކަން އޭނާ ފާހަގަކުރިއެވެ.
”އިސްރާއިލުން ދަނީ، މެދުކެނޑުމެއްނެތި ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލާ އެކި ކުށްތަކަށް އަރައިގަންނަމުން. އަހަރުމެންނަށް ކުރެވުނު ތަޖުރިބާއަކީ، ފަލަސްޠީނު ރައްޔިތުންނާއި މެދު އެމީހުން ކަންތައް ކުރާ ގޮތާއި މެދު އެއްވެސް ގޮތަކަށް އަޅާ ކިޔޭނެ ކަމެއް ނޫން. އަހަރުމެންނަކީއެއް ނޫން އަސްލު ވާހަކައަކީ. އަހަރުމެން މިކަން ކުރަނީ، މިކަން ކުރަންޖެހޭ ޤައުމުތަކުން މި އަނިޔާވެރި ޢަމަލުތައް ނުހުއްޓުވާތީ“ ތިއާގޯ އޭނާއަށް ކުރެވުނު ތަޖުރިބާއާއި ގުޅޭގޮތުން ބުނެފައިވެއެވެ.



