ސޯމާލިޔާއިން ވަކިވެގަނެގެން ”ސޯމާލީލޭންޑް“ ގެ ނަމުގައި އުފައްދައިގެން އުޅޭ ވަކި ދައުލަތް ޔަހޫދީ އިޒްރޭލުން ބަލައިގަތުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭން އެކަން ކުށްވެރި ކުރާކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހާމަކުރެއްވީ ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ކަމަށެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި އިއްޔެ ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 22 ވަނަ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ އިޒްރޭލުގެ އެ ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިޒްރޭލުގެ އެފަދަ ނިންމުންތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އެ އަމަލަކީ އދ. ގެ ޗާޓަރާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.



