މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ ،ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) އަދި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) އެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ޢަލީ ތަސްލީމް އަދި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް މަސްތުވާތަކެތި އެތެރެކުތަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށާއި މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އާދަމް ފަތުޙީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


