ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ފަށާނެކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކޮށްފިއެވެ.
މަޖިލިސް އިދާރާއިން މީޑިއާތަކަށް ފޮނުއްވި މެސެެޖެއްގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު ހެނދުނު 9:00 ގައި އޮންނާނެ ކަމަށެވެ.
އެދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރު ފަށާ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމެވެ.
ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވޭ ދުވަހު ރިޔާސީ ބަޔާނުގައި މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އިތުރު ތަފުސީލެއް އެމަނިކުފާނު އެރޭ ހާމައެއް ނުކުރައްވައެވެ.
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން 12 މިނެޓަށް ޖަލްސާ މެދުކަނޑާލިއެވެ.


