ދަނޑުވެރިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ”ދަނޑުވެރިޔާ“ އެޕް ރޯދަ މަހުގެ ކުރިން ބޭނުން ކުރަން ތައްޔާރު ވަމުންދާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
2023 ވަނަ އަހަރު އިފްތިތާޙު ކުރި ވެބް އެޕްލިކޭޝަން ”ދަނޑުވެރިޔާ“ މޯބައިލް ފޯނު މެދުވެރިކޮށްވެސް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފައެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަނީ، އިފާޑުގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެ ދަށުން ކަމަށެވެ.
މިނިސްޓްރީން ބުނީ ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް އަމާޒު ކޮށްގެން މަޝްރޫޢުތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މޯބައިލް އެޕްލިކޭޝަނެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިން މަރުހަލާ ނިމިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ބީޓާ މަރުހަލާގައި ދަނޑުވެރިން ފާހަގަކުރި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އެކަން ނިމި ރޯދަމަހުގެ ކުރިން ޕައިލެޓް ސަރަހައްދުތަކުގައި އެޕް ބޭނުން ކުރަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިއެޕްލިކޭޝަންގައި ހުންނަ ފަންނީ މައުލޫމާތުތައް ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށާއި ނަމަވެސް އެ އެޕްލިކޭޝަންގެ ފޯރަމާއި، ދަނޑުވެރި ބާޒާރުގެ ޚިދުމަތް ލިބޭނީ އީފާސް މެދުވެރިކޮށް ލޮގްއިން ވެގެން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އެޕްލިކޭޝަނުން ލިބޭނެ ޚިދުމަތްތައް:
* ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން
* ކްރޮޕް ޕްލޭން: ގަސް އިންދާ ހެއްދުމުގައި އެކި މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދު، އެވަގުތެއް ކައިރިވުމުން އޮޓޮމެޓިކުން ފޯރުކޮށްދެވޭނެ ނިޒާމު
* ދަނޑުވެރިކަމުގެ އެކި މައްސަލަތަކުގައި ފަންނީ މަޝްވަރާތައް ކުރުމަށާއި، ހައްލުތައް ހޯދުމަށް ކޮމިއުނިޓީ ފޯރަމެއް
* ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް، ދަނޑުވެރިންނާއި ގަންނަ ފަރާތްތައް ގުޅުވާލަދިނުމަށް މާކެޓު ޕްލެޓު ފޯމެއް
* ބާޒާރުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ޙިއްސާކުރުން



