ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިންނާއި އަދި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އެދިއްޖެއެވެ.
ރާއްޖޭގައި އީ-ވީސާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް ”އޮންލައިން“ ކުރެވި، އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން އީ-ވީސާގެ ޚިދުމަތާ ގުޅިގެން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، ވޯކް ވިސާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީސާއެއް އޮވެގެން ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އަދި އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ހޯމްމިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ”އެންޓްރީ ޕާސް“ އެއް ލިބިފައިވާ ނަމައެވެ.
މީގެ އިތުރުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، އެ ބިދޭސީއެއްގެ ވޯކް ވިސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީސާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީސާގެ މުއްދަތު އޮތްތޯ ކަށަވަރު ކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އީމެއިލް މެދުވެރިކޮށް އީ-ވީޒާގެ ސައްހަކަން ކަށަވަރު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153އަށް ގުޅައިގެން ނުވަތަ info@immigration.gov.mvއަށް އީމެއިލް ކޮށްގެން އެ މަޢުލޫމާތު ސާފުކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.



