ޖަރުމަނުވިލާތުގެ މަޝްހޫރު ފުޓުބޯޅަ މެގަޒިންއެއް ކަމަށްވާ ”އިލެވެން ފުރެއޮންޑޭ“ ގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ހިތްގައިމު ފުޓުބޯޅަ ދަނޑުތަކުގެ ފޮޓޯތައް ހިމަނައިފިއެވެ.
2022 ވަނަ އަހަރުން ފެށިގެން އެ މެގަޒިންގައި ރާއްޖޭގެ އެކި ރަށްރަށުގެ ދަނޑުތަކުގެ އޭރިއަލް ފޮޓޯތައް ޝާއިއުކުރަމުން އަންނައިރު، އެންމެ ފަހުން ހިމަނާފައިވަނީ ވިލިމާލެ ފުޓުބޯޅަ ދަނޑުގެ ފޮޓޯއެކެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ހަތަރު ރަށެއްގެ ދަނޑު ވަނީ މި މެގަޒިންގައި ފީޗާކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު އދ. މަހިބަދޫ ފުޓުބޯޅަ ދަނޑު (ޕެލޭ ސްޓޭޑިއަމް) ހިމެނިއިރު، 2024 ވަނަ އަހަރު ކ. ގުޅި ފުޓުބޯޅަ ދަނޑު، 2025 ވަނަ އަހަރު ލ. ހިތަދޫ ދަނޑު އަދި 2026 ވަނަ އަހަރުގެ އެޑިޝަނުގައި ވިލިމާލެ ދަނޑުގެ ފޮޓޯ ވަނީ ހިމަނާފައެވެ.
މި ފޮޓޯތަކަކީ ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ އަދި ފުޓުބޯޅަ ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދު (ނަޓީ) ނަގާފައިވާ ފޮޓޯތަކެކެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ނައުޝާދު ބުނީ، އެ މެގަޒިންއިން ރާއްޖޭގެ ދަނޑުތަކަށް ޝައުގުވެރިކަން ފާޅުކުރީ އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯތަކުގެ ސަބަބުން ކަމަށެވެ.
”އަޅުގަނޑު ސޯޝަލް މީޑިއާގައި ހިއްސާކުރާ ދަނޑުތަކުގެ ފޮޓޯތަކަށް އެމީހުން ޝައުގުވެރިވެގެން އެދުނީ. މިއަހަރުވެސް ރާއްޖޭގެ ދަނޑެއްގެ ފޮޓޯ ފޮނުވާފަވީ،“ ނައުޝާދު ބުންޏެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަ ތަރިން ރާއްޖެ ގެނެސްގެން އެކި ރަށްރަށާއި ރިސޯޓުތަކުގައި ހަރަކާތްތައް ހިންގުމަށް ރާވާފައިވާކަންވެސް ނައުޝާދު ފާހަގަކުރިއެވެ.
ރާއްޖޭގެ ރީތި ފުޓުބޯޅަ ދަނޑުތަކަކީ މިހާރު ދުނިޔޭގެ ފުޓުބޯޅަ ކޮމިއުނިޓީގެ ބޮޑު ޝައުގުވެރިކަމެއް ލިބެމުންދާ ތަންތަނެވެ. ފާއިތުވި އަހަރުވެސް ދުނިޔޭގެ މަޝްހޫރު ތަރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު އެޑްގާ ޑާވިޑްސް، އެ ކްލަބުގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މަހިބަދޫއަށް ގޮސް އެރަށު ދަނޑުގައި މެޗެއް ކުޅުން ހިމެނެއެވެ.
މީގެ އިތުރުން، މަޝްހޫރު ފްރީސްޓައިލަރުން ގެނެސްގެން ކުޑަކުދިންނަށް ހުނަރު ދައްކާލުމާއި، ރިސޯޓުތަކުގައި ޕްރޮމޯޝަނަލް މެޗުތައް ކުޅުން ފަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖެއަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގެ ފުންނާބު އުސް ފަރާތްތަކުގެ މެދުގައި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ވަނީ ވެފައެވެ.



