އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ %86 މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފި އެވެ.
އެ މިނިސްޓްރީގެ، ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލައްވާފައި ވާކަމަށެވެ. އަދި، މަގު ހެދުމުގެ މަޝްރޫއުގެ %86 މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ނަޒީމްގެ މިދަތުރުފުޅުގައި، މަގުހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު އަދި ކޮންސަލްޓަންޓްއާއި ބައްދަލު ކުރައްވައި މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާވެސް ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފުސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް 21 ފެބްރުއަރީ 2021ގައި ހަވާލުކޮށްފައިވަނީ، އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ އެވެ.މި މަޝްރޫއުގެ ކޮންސަލްޓަންޓަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ”އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ- އެލް.އީ.އޭ އެސޯސިއޭޓް ސައުތު އޭޝިއާ ޖޭވީ“އެވެ.



