ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ބަހުގެ އެކަޑަމީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޅެންވެރިންގެ ދުވަހާ ގުޅިގެން އެ އެކަޑަމީން ބާއްސާ ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު އެއްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރީން ޅެން ފޮނުވަން ވާނެ ކަމަށެވެ.
އެގޮތުން ޅެން އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން info@dba.gov.mv އަށް ވޯޑް ފައިލާއި ޕީޑީއެފް ފައިލް ފޮނުވަން އެ އެކަޑަމީން ވަނީ އެދިފައެވެ.
ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރުން ވެސް ޅެންތައް ބަލައިގަންނާނެ ކަމަށް އެ އެކަޑަމީން ބުނެފައިވެ އެވެ.
މީގެ އިތުރުން ޅެން ހުށައަޅާއިރު ޅެން ހުށައަޅާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަންވާނެ ކަމަށާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ޅެމާ އެކު ހުށައަޅަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އަދި އެ މުބާރާތުން ވަނަތަކަށް ހޮވޭ ޅެންތައް އެ އެކަޑަމީން ޝާއިއުކުރާނެ ކަމަށްވެސް ބަހުގެ އެކަޑަމީން ވަނީ ބުނެފަ އެވެ.
އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހީން ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތަށް ޝައުގުވެރިކުރުވައި ދިވެހި ބަހުން ސަމާސާ އަދަބުގެ ޅެން ހެދުމުގެ ހުނަރު އާލާކޮށް އެ ފަންނުގެ ހުނަރުވެރިން އިތުރުކުރުން ކަމަށް ބަހުގެ އެކަޑަމީން ބުނެފައި ވެއެވެ.




