މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ކަންނެލި ގަންނަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި، ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ވަރަަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުން ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތައް ހާސިލްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިއްޔެެގަ ރަސްމީކޮށް މިފްކޯއަށް ބޮޑު ކަންނެލި ކިލޯއަކަށް 25ރ. މަގުން ގަންނަން މި ފެށުނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ފެށުމެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު އެތަނުން މަސްވެރިންނަށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ފަރުޙަތު ޝަހީރު ވިދާޅުވީ 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން ކަނޑުއޮތްގިރިންނާއި އެ ސަރަަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަން ފާށާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްޤީކުރާ މި ފެސިލިޓީގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.



