މާލޭގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި އަންހެނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު 9 ވަނަ ދުވަހުގެ ހެނދުނު 10:05 އެހާކަންހާއިރު ހިނގި އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނަކަށާއި 32 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އެ ހަމަލާގައި 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، މި މައްސަލައިގެ ތުހުމަތުގައި، ހަމަ އެ ދުވަހު ފުލުހުން ވަނޯ 32 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައެވެ.
އެގޮތުން އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މީގެއިތުރުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




