މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 128 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
އީސީން މިހާރު ވަނީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ ނިޔާވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ލިސްޓުގައި ހިމެނިފައިވުމާއި، އެޑްރެސްގެ މައްސަލަތަކާ ގުޅޭ ޝަކުވާތައް ކަމަށެވެ.
”މިހާތަނަށް އަޅުގަނޑުމެންނަށް 128 ޝަކުވާއެއް ލިބިފައިވަނީ. ޖުމްލަ ގޮތެއްގައި ބަލާއިރު ލިސްޓުގައި މިއޮތް މައުލޫމާތު އެޑްރެސް ނޫނީ ނިޔާވެފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނުމުން އެއާއި ގުޅޭގޮތުން ޝަކުވާ މިއަންނަނީ،“ އަޒީފާ ވިދާޅުވިއެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ލިސްޓަށް މީހަކު އިތުރުކުރުން، އުނިކުރުން ނުވަތަ މަޢުލޫމާތަކަށް ބަދަލު ގެނައުމަށް ހުށަހަޅާއިރު، އެކަމުގެ ޞައްޙަކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެއެވެ. އީސީން ބަލައިގަންނަ ރަސްމީ ލިޔުންތަކުގެ ތެރޭގައި އައިޑީ ކާޑު ކޮޕީ، ރަށްވެހިކަމުގެ ލިޔުން، ގޭގެ ރަޖިސްޓްރީ ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ހިމެނެއެވެ.
ވޯޓާސް ލިސްޓު މިހާރު ވަނީ އީސީގެ ވެބްސައިޓާއި، ސަރުކާރުގެ ގެޒެޓުގެ އިތުރުން ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި އާންމުކޮށްފައެވެ. އަދި 1414 އަށް އެސްއެމްއެސް ކޮށްގެންވެސް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެއެވެ.
ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެކަމަށް ޚާއްޞަކޮށްފައިވާ ’ސިމެދަ‘ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.



