ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މިއަދު ވަކި ކުރި އަހުމަދު ޝަމާހު ރަޝީދު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެއެވެ.
ލީކުވެފައިވާ އޯޑިއޯގައި ވާހަކަދައްކާ މީހާ ބުނެފައިވަނީ، ކުންފުނީގެ އެތެރޭގައި ’ކުރަން އުޅުނު ކަންތައްތައް‘ އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށެވެ.
ނަމަވެސް، އެ އޯޑިއޯގައި އިވެނީ ސީދާ ޝަމާހުގެ އަޑުކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ސްޓެލްކޯގެ އެމްޑީކަމުގެ މަގާމުން މިއަދު ޝަމާހު ވަކިކޮށްފައިވާއިރު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް ވަނީ މިހާރު މަގާމުން ދުރުކޮށްފައެވެ. އޭނާ މަގާމުން ދުރުކުރި ނަމަވެސް ސްޓެލްކޯގެ ވަޒީފާއިން އަދި ވަކިކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން (ސަން އޮންލައިން) އަށް ދިން އިންޓަވިއުއެއްގައި ޝަމާހު ބުނީ، ދައުރުވަމުންދަނީ ފޭކު އޯޑިއޯއެއް ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރި ސަބަބެއް ވެސް އެނގިފައި ނުވާ ކަމަށް ޝަމާހު ވަނީ ބުނެފައެވެ.
ޕީސީބީން ބުނެފައިވަނީ ޝަމާހު މަގާމުން ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރަން ނިންމި ސީދާ ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް އެ ބޯޑުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.




