މިއަދު ކުރިއަށްދިޔަ 6 ކައުންސިލެއްގެ ބައި އިލެކްޝަންގެ ތެރެއިން ، 4 ބައި އިލެކްޝަން ވެރިކަން ކުރާ ޕާޓީކަމަށްވާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް އިން ކާމިޔާބުު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމާއި، ހއ. އުތީމު، ނ. ލަންދޫ އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރުން އިންތިޚާބުކުރުމާއި، ހއ. ތަކަންދުއާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފަ އެވެ.
އިލެކްޝަންސްއިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުންނަމަ، ޕީއެންސީން ކާމިޔާބުކުރީ، ހއ. އުތީމު، އަދި ވެލިދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަނާއި،ހއ. ތަކަންދުއާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނެވެ.
މ. މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ޑިމޮކްރެޓްސްއިން ކާމިޔާބުކޮށްފައިވާއިރު، ނ. ލަންދޫ ކައުންސިލްގެ މެންބަރު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
މި ބައި-އިލެކްޝަންގައި ވޯޓްލުމަށް 11 ވޯޓްފޮށްޓެއް ބެހެއްޓި އެވެ. އެއީ ދާއިރާތަކުގައި ބެހެއްޓި 8 ފޮށްޓާއި މާލޭ ދަރުބާރުގޭގައި ބެހެއްޓި ތިން ވޯޓު ފޮށްޓެވެ. ބައި-އިލެކްޝަންގެ ވޯޓު ނެގުން ކުރިޔަށްދިޔައީ ހެނދުން 8:00 އިން ހަވީރު 16:00 ޖެހުމާ ހަމަޔަށެވެ. ވޯޓު ގުނަން ފެށީ ވޯޓު ނަގާ ނިމުނުތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.



