ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލުން (ޓާމިނަލް 1 އިން) ސީޕްލޭންތަކަށް ޚިދުމަތް ދޭން އިއްޔެ ފަށައިފިއެވެ.
އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް ފަށާފައިވާއިރު އެ މަސައްކަތުގައި ސީޕްލޭނަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.
އެމްއޭސީއެލްއިން ބުނީ، ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއާޕޯޓުގެ އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށް ކަމަށެވެ.
ވީއައިއޭގެ އައު ޓާމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ޙާއްސަ ކޮށްގެން 24 ޗެކިން ކައުންޓަރު ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމު ކަމަށްވާއިރު، އައު ޓާމިނަލުން ޚިދުމަތް ފެށުމުން އެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، މިހާރު ރާއްޖެއަށް ދަތުރު ކުރާ 41 އެއާލައިނެއް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.



