ރާއްޖޭގެ ވިޔަފާރިތަކުގެ ތެރެއިން އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރާ ވިޔަފާރިތަކުގެ އަގު ވަޒަން ކުރަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖޭގެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އެޑްވޮކަސީ ހުސެއިން ޖަމީލްއެވެ.
ހުސެއިން ޖަމީލް ވިދާޅުވީ ވިޔަފާރިތަކާއެކު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ވިޔަފާރިތަކުން އިންސާނީ ހައްޤުތަށް ކަށަވަރުކުރުމަށް މަސައްކަތް ކުރާ މިންވަރު އަގުވަޒަންކުރުމަށް ވިޔަފާރިތައް ސާޓިފައި ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ވިޔަފާރިތައް 3 ގިންތިއަކުން ސެޓިފައި ކުރާނެކަމަށާއި މި ސެޓިފިކޭޝަން ވިޔަފާރިތަކަށް ހާސިލް ކުރެވޭނީ ވަރަށް ގިނަ ކަންކަން ކޮށްގެން ކަމަށް ހުސައިން ޖައިލަމް ވިދާޅުވެފައެވެ.
ހުސައިން ޖައިލަމް ވިދާޅުވީ މި މަސައްކަތް ކުރާނީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް އެ ވިޔަފާރިއަކުން ކުރަމުންދާ މަސައްތަކަށް ބަލާ ޕޮއިންޓް ދެވޭ އުސޫލަކުން ކަމަށާއި ސެޓިފައި ކުރުމުގައި 3 ގިންތިއަކަށް ވިޔަފާރިތައް ބަހާލާނެ ކަމަށެވެ. އެ ގިންތިތަކަކީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒް އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ގޯލްޑް ސްޓޭންޑާޑުގައި އޮޕަރޭޓް ކުރާ ވިޔަފާރިއެއް އެ ގޯލްޑް ސްޓޭންޑާޑްއަށް ހެދުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުންނާނެ ކަމަށެވެ.
މިގޮތުން ހާއްސަކޮށް ވަޒީފާގެ ޤާނޫނަށް އިހުތިރާމް ކުރުމާއި، މުވައްޒަފުންނަށް ޤާނޫނުން ލިބިދޭންޖެހޭ ހުރިހާ ހައްޤުތައް ލިބުމާއި، އެތެރޭގައި އޮންނަންޖެހޭ އެންމެހައި ކޮމެޓީތައް، މިސާލަކާށް ޖިންސީ ފުރައްސާރަކުރުން ހުއްޓުވުން ކޮމެޓީއާއި އެތިކްސް ކޮމެޓީއާއި، ދެންވެސް މުވައްޒަފުންނަށް ކަމެއް ދިމާވުމުން އެ ގްރީވެންސް ދައްކާނެ ނިޒާމެއް ޤާއިމްވެފައި އޮތުން ހިމެނޭ ކަމަށް ހުސެއިން ޖަމީލް ވިދާޅުވިއެވެ.



