ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހުގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
މި ސަރުކާރުގައި ފުރަތަމަ މިފްކޯ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު މަގާމުން ވަކިކޮށް ފަހުން ސްޓެލްކޯގެ އެމްޑީކަމަށް އައްޔަނުކުރި ޝަމާހު، އިއްޔެ އެ ކުންފުނީގެ އެމްޑީކަމުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވިތާ ފަސް މަސް ވެސް ނުވަނީސް ކުއްލި ގޮތަކަށެވެ.
ޝަމާހުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވޭތޯ ”ސައުވީސް“ އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސްޓެލްކޯގެ ކުރީގެ އެމްޑީއެއްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތެއް އެކޮމިޝަނުން ނުދެއްވައެވެ.
ނަމަވެސް އޭސީސީން ބަލަމުން އަންނަނީ ޝަމާހުގެ މައްސަލައެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ޝަމާހް މަގާމުން ވަކިކުރި ފަހުން އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކްކޮށްލާފައެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި ”ކުރަން އުޅުނު ކަންތައްތައް“ އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ވިދާޅުވެއެވެ.
އެހެން އެކަން އޮއްވައި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ވެސް ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އެ މަގާމުން ސަސްޕެންޑުކުރި ނަމަވެސް، އަޒްހަދު ސްޓެލްކޯއިން ވަތްކެއް ނުކުރެއެވެ.
ދައުރުވަމުންދާ އޯޑިއޯއާ ބެހޭގޮތުން ޝަމާހު ބައެއް މީޑިއާތަކަށް ރޭގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއީ ފޭކު އޯޑިއޯއެއް ކަމަށާއި މަގާމުން ވަކިކުރި ސަބަބުވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.



