ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެމީހުން، ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



