ވަޒީފާ އިން ރިޓަޔާވުމަށް ފަހު، އެހެން މަގާމުތައް އަދާކުރާ ސިފައިންނަށް އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ”ސިފައިންގެ ރިޓަޔަމަންޓް ގަވައިދު“ އަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ގައި ގެނައި އިސްލާހުގައި ބުނެފައިވަނީ، ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާ އިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް އިނާޔަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިކުރި/ވަކިވި މަސް ނިންމުމަށްފަހު، ދެން ފެށޭ މަހުގައި ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މިފަދައިން ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް ވެސް އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީ އެވެ. އަދި އޭގެ ދަށުން ފުލުހުންގެ އުސޫލަށް ވެސް މިދިޔަ މަހުގެ 25 ގައި ވަނީ ބަދަލު ގެނެސްފައެވެ.
ސިފައިންގެ އުސޫލުގައި ބުނީ، ރިޓަޔާވެފައިވާ މީހަކު އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ މަގާމަކަށް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށް ފަހު، އެކަން ޕެންޝަން އޮފީހަށް ނުވަތަ އެ އިނާޔަތް ދޭ އިދާރާއަކަށް ނާންގާ އޮތުމުން މަހުން މަހަށް އެ އިނާޔަތް ލިބެމުން ދިޔަނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ.
އަދި އެ މާއްދާ އަށް އަމަލުކުރަން ފެށުމުގެ ކުރިން ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކޮށްފައިވާ އެންމެންނަށް ވެސް، މި އާ ބަދަލު ހިނގާނެ ކަމަށް ގަވައިދުގައިވެއެވެ.



