މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިނގި ޚާއްސަ އޮޕަރޭޝަނެއްގައި، އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގެ ގުލާބީ މަގުގައި ހުރި އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބިދޭސީން ޑީޕޯޓްކޮށްފައިވާ ޢަދަދު 9697އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



