މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި 50 އަހަރުން މަތީގެ ދިވެހި އަންހެން މީހާއާއި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މުލި، ނަސީމީގެ / މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ، މުށިކުލާގެ / އާމިނަތު އިބްރާހީމް (57އ) އެވެ.
މި ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އޭރު ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށެވެ.
އޭރު އެ ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް، އެ މުއްދަތު ހަމަވުމުން އެމީހުން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
އެގޮތުން 52 އަހަރުގެ ފިރިހެން މީހާ 15 ދުވަހަށް އަދި 57 އަހަރުގެ އަންހެން މީހާ އިތުރު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



