ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސަރުކާރުން ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައެވެ.
އެގޮތުން އެ ކުންފުނީގެ އަމަލީ މަސައްކަތް ފެށުމަށް މާލެ ސަރަހައްދުގައި ހިންގާ އެސްޓީއޯގެ ފާމަސީތަކާ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އިން ހަވާލުވުމުގެ މަސައްކަތް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށަން ވަނީ ހަމަޖެހިފައެވެ.
އަދި ރާއްޖޭގައި އެސްޓީއޯ އިން ހިންގާ 196 ފާމަސީތަކުގެ އޮޕަރޭޝަންތައް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރާނެއެވެ.



