ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި ނައީމް އަވަހާރަވެފައި ވަނީ އުމުރުން 74 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު މާލޭގަ އެވެ.
ނައީމްގެ ޖަނާޒާ ބާއްވާފައި ވަނީ އިއްޔެ ހުޅުމާލެ ސަހަރާގައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) އިން ސޯޝަލް މީޑިއާގައި މިއަދު ޙިއްސާކުރި ޕޯސްޓެއްގައި ބުނީ، ނަޢީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށާއި ނަޢީމްގެ ހަނދާން އަބަދުވެސް އެސިނާޢަތުން ކުރާނީ އިހުތިރާމާއި ޝުކުރުވެރިކަމާ އެކުގައި ކަމަށެވެ.
ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަ ކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ އެޕްރީލް 7، 1973 ވަނަ އަހަރު އެވެ.
ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ.



