ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ބުނީ، މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މަޖިލީހުން އެ އަހަރެއްގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީގަ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ހުޅުވާ ޖަލްސާއެއްގައި އޭރަކު ހުންނަވާ ރައީސެއްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މިއީ ރައީސް މުޢިއްޒު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިއްވަވާނެ ދެވަނަ ރިޔާސީ ބަޔާނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.



