ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޚިދުމަތުގެ ފެންވަރު އިތުރަށް ރަގަޅުކުރުމަށް އަމާޒުކޮށް 2026 ވަނައަހަރުގެ މަސައްކަތްތަށް ފަށައިގަތުމަށް އައު ވިސްނުންތަކާކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ ”ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026“ މިއަދުވަނީ ބާއްވައިފިއެވެ.
މި ފޯރަމްގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމް އަދި ޑިޕާޓްމަންޓްތަކުގެވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިފޯރަމްގައި، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭން ތަޢާރަފުކޮށް، ބިޒްނަސް ޕްލޭން ތަންފީޒު ކުރުމާއި ނަތީޖާ ހާސިލްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައިވަނީ މަޝްވަރާ ކުރެވިފައެވެ.
މި ފޯރަމްގެތެރޭގައި 2025 ވަނަ އަހަރު ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރާގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، މި އަހަރުގެ ބިޒްނަސް ޕްލޭނުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާ ކުރެވިފައެވެ.
މި އަހަރަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތްނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.
އެގޮތުން 2026 ގެ ބިޒްނަސް ޕްލޭންގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަން ދެވޭނެއެވެ.
ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް ގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ރޭވުންތަކާއި މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެއެވެ.



