ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާނާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ.
އަދި މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އާމީން“ ރައީސްގެ ޕޯސްޓުގައި ވެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި ނައީމް އަވަހާރަވެފައި ވަނީ އުމުރުން 74 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު މާލޭގަ އެވެ.
ނައީމްގެ ޖަނާޒާ ބާއްވާފައި ވަނީ އިއްޔެ ހުޅުމާލެ ސަހަރާގައެވެ.
ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަ ކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ އެޕްރީލް 7، 1973 ވަނަ އަހަރު އެވެ.
ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ.




