ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނެސްފައިވަނީ މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ބަދަލުތަކެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމާއިބެހޭ ޤަވާއިދު އިސްލާޙުކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މި ބަދަލުތައް ގެންނަން ޖެހުނީ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ސަރުކާރާ ހިއްސާކޮށްފައިވާތީ ކަމަށެވެ.
މީގެ ތެރޭގައި ގައިގެ ވަނާތައް އެނގޭ ގޮތަށް ހެދުން އެޅުމާއި، ބޮލުގައި ކުލަ ޖެއްސުމާއި، ތުނި ހެދުންލުމުގެ އިތުރުން އަޚްލާޤީ މިންގަނޑުން ބޭރުވާ ގޮތަށް ޖިންސުލުން ފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އާ ގަވާއިދުގައިވާ ގޮތުން ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި، ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހުގެ އިތުރުން ބުސް ގަމީސް ބޭނުންކުރެވޭނެއެވެ. އަދި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަންހެން މުވައްޒަފުން ބޭނުންކުރަންވާނީ ދިގު ހެދުމެއް، ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެކެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ވިދާޅުވީ، ގެނެވިފައިވާ ބަދަލުތަކަށް ސަމާޅުވުން މުހިންމު ކަމަށެވެ.
”މިސާލަކަށް ފިރިހެނުން ޓައި ބޭނުންކުރާއިރު ކާޓޫނެއް ނުވަތަ އަދަބާ ޚިލާފު އެއްޗެއް ލިޔެފަ ހުންނަ އެއްޗެއް ބޭނުން ނުކުރުން. އެ އިދާރާއަކުން ކަނޑައެޅިފައި އޮންނަ އުސޫލަކުން ހެދުން އެޅުމަށް. ރީތި ސާފުތާހިރު ހެދުމެކޭ ލާންވާނީ. އެކަށީގެންވާ ސާފުތާހިރުކަމެއްގައި ބޮލާއި، ތުނބުޅި ހުންނަންވާނީ،“ ސަޢީދު ވިދާޅުވިއެވެ.
ކޮމިޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުވައްޒަފުން ހެދުން އަޅާ ގޮތަކީ މަސައްކަތުގެ އަޚްލާގުގެ ބައެކެވެ. އެހެންކަމުން ގެނައި ބަދަލާ އެއްގޮތަށް އަމަލު ނުކުރާ މުވައްޒަފުންނަށް ފުރަތަމަ ނަސޭހަތްދޭނެ ކަމަށާއި، އެކަން ރަނގަޅު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ސިވިލް ސަރވިސްއަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ އެއް ދާއިރާއަށްވާއިރު، މިހާރުވެސް 31,575 މުވައްޒަފުން އެ ދާއިރާގައި މަސައްކަތް ކުރެއެވެ.



