ބ. ހިތާދޫ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތަކީ ޓޫރިސްޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ފަތުރުވެރިންނަށް ކުރިމަތިވާ އެކި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަކަށެވެ.
މި ޕްރޮގްރާމްގައި، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން ފަތުރުވެރިންގެ ފަރާތުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާ ހިއްސާކުރަންޖެހޭ މައުލޫމާތާތުތައް ހިއްސާކުރުމަށް ފުލުހުން ނަސޭހަތްތެރިވެފައި ވެއެވެ.
ހަމައެހެންމެ ގެސްޓްހައުސްތަކުގެ ސަލާމަތާއި ރައްކާތެރކަމާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ފަތުރުވެރިންނާއި ގެސްޓްހައުސް ހިނގާ ފަރާތްތައް ހޭލުންތެރިކުރުވައި އަހުލުވެރިކުރުވުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.



