މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި ’ގަލޮޅު ޕާކް‘ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކު އަލުން ތަރައްގީކޮށް ހުޅުވާފައިވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ކަންކަން ކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.
ގަލޮޅު ޕާކްގައި ގާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ގިނަ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމްއެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައިވާއިރު، އެންމެ ކުޑަކުދިންނަށް ހާއްސަކޮށްގެން ސްލައިޑް އަދި އުނދޯލިތައް ވެސް ވަނީ ބަހައްޓާފައެވެ.

ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި ޕާކުގައި ތުރީ އޮން ތުރީ ބާސްކެޓް ކޯޓެއްގެ އިތުރުން ބެޑްމިންޓަން ކޯޓެއް ވެސް ވަނީ ތަރައްގީ ކޮށްފައެވެ.

ގަލޮޅު ސިޓީ ޕާކަކީ އެ އަވަށުގައި އޮންނަ ހަމައެކަނި ޕާކަށްވާއިރު، މި ތަން ވީރާނާވެފައި އޮތުމަކީ ގަލޮޅު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ގަލޮޅު ރައްޔިތުން ވަނީ މި ޕާކު އަލުން ތަރައްގީކޮށްދިނުމަށް އެދިފައެވެ.

ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މި ޕާކު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައެވެ.



