އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އިއްޔެ ރާއްޖެ އައި ދިވެއްސަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ފުވައްމުލަކު ރަތަމަލާނާގެ، އަހްމަދު ލަތީފް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ލަތީފް ނިޔާވީ އުމްރާގެ އަޅުކަން ނިންމުމަށްފަހު ރަށަށް ދިއުމުގެ ކުރިން، އާއިލާއާއެކު ޗުއްޓީ ހޭދަކުރަން އއ. ތޮއްޑޫގައި ކުއްލި ގޮތަކަށް ޖެހުނު ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް އެނގިފައިވެއެވެ.
ނިޔާވި އަހުމަދަކީ ފުވައްމުލަކު ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ. އަދި އޭނާއަކީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އާމިނަތު އިނާޔާގެ ބޭބެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އަހުމަދު ލަތީފް ނިޔާވުމާ ގުޅިގެން އެ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވެ، މުޅި ކައުންސިލްގެ ނަމުގައި ތައުޒިޔާ ފޮނުވާފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ސައުދީ އަރަބިއްޔާގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލްމަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ 62 އަހަރުގެ ފިރިހެނަކާއި، ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ހަވާލުގައި ދިޔަ ދެ ފިރިހެނުންނެވެ.
މީގެ އިތުރުން، އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު އިތުރު ފަރުވާއަށް އިއްޔެ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފައެވެ.



