ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މިއަދު އޮޕަރޭޝަންއެއް ހިންގި ކަމަށެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، ފަސް ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
އަދި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބިދޭސީން ޑީޕޯޓްކޮށްފައިވާ ޢަދަދު 9697 އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



