ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާތީ، އެ މުއްދަތުގައި އެ ގައުމަށް ދާ ދިވެހިން ދަތުރުގެ ކުރިން ވިސާ ނެގުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އަންނަ މަހު ބާއްވާ ބަންގްލަދޭޝްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ބުރާސްފަތި ދުވަހުން މަސް ދުވަހަށް އޮންއެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެހެން އެކަމަށް ދިވެހިން ސަމާލުވުމަށް އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭގައި ވަނީ ބަޔާނެއް ނެރެފައެވެ.
އެ މިނިސްޓްރީން ބުނީ، ވަގުތީ ގޮތުން އޮންއެރައިވަލް ވިސާ ދޫކުރުން ބަންގްލަދޭޝްއިން ހުއްޓާލަނީ އަންނަ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ. އަދި މި މުއްދަތުގައި ބަންގަލަދޭޝްއަށް ދަތުރު ކުރާ ދިވެހިން ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވިސާ ނެގުމަށް އިލްތިމާސް ކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ އޮންއެރައިވަލް ވިސާއާ ގުޅޭ އިތުރު މައުލޫމާތު އެ ގައުމުގެ އިމިގްރޭޝަން ވެބްސައިޓުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.



