މާލޭގައި ކެނަބިސް ގަސްތަކެއް ހެއްދި މީހަކު 100 އަހަރަށް ޖަލަށްލައި، 400،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
2023 ވަނަ އަހަރު މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނިގެން އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ނ.ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށް ފުލުހުންގެ ކައިރީގައި ބުނެފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވެެއެވެ.
މީގެ އިތުރުން ދައުލަތުން ކޯޓުގައި ބުނީ އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުންގެ ގާތުގައި ބުނި ކަމަށެވެ.
އެގޮތުން އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން އެ އެޕާޓްމަންޓާއި ކޮޓަރި ހުޅުވައި ބެލިއިރު އިތުރު ކެނަބިސް ގަސްތަކެއް ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.
އަދި 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައްވެސް އެޕާޓްމަންޓްގެ އެކި ތަންތަނުގައި ހާމައަށް ބަަހައްޓާފައި ހުރި ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.
އެ މައްސަލައިގެ ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ މާލޭގައި އުޅުނު ގެއިން ފެނުނު ކެނަބިސް ގަސްތައް އެއީ އޭނާގެ ގަސްތަކެއް ކަމަށް ބުނުމަކީ ”އާދަޔާ ހިލާފު ކަމެއް“ ކަމަށާއި އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެެއް ކަމަށެވެ.
ކެނަބިސް ގަސްތައް އޭނާއަށް ލިބުނު ގޮތެއް ނުވަތަ ގެންގުޅުނު ބޭނުމެއް އޭނާއަށް ބުނެދެވިފައި ނުވާތީ، އެއީ އޭނާ ހެއްދި ތަކެތި ކަމަށް ހުކުމުގައިވެ އެވެ.
މިގޮތުން އެ މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތުވާތީ ކޮންމެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ.



